ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމަށް އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯ އިން މިއަދު ބުނީ، މި މަސައްކަތް އެކުންފުނިން ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކޮށް، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށެވެ.
އެގޮތުން ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލްގެ) 48 މަސްދަޅު ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
މާލޭގައި މަސްދަޅުކޭސް ބެހުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިއަހަރުވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި މަސްދަޅުކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައިދޭ މަސްދަޅުކޭސް، ދޫކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ ފަސް މަރުކަޒެއް ޤާއިމުކުރެވިފައި ހުންނާނެއެވެ.
އެއީ:
• މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
• ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް
• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމުގައި އެސްޓީއޯ އިން ބުނެފައިވެއެވެ.



