ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މި މަހުގެ 10 އިން 14 އަށް ކުރެއްވި މި ދަތުރުފުޅުގައި މަޖިލީހުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ 9 މެންބަރުން ހިމެނިވަޑައިގަތެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ވަނީ ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއާ ބައްދަލުކުރައްވައި، ރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމް.އޯ.ޔޫ.ގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އޭގެ އިތުރުން، އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރު އާއިވެސް މަޖިލީހުގެ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްއާއެކު ވަޑައިގެންނެވި ވަފުދުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހިމެނިވަޑައިގަންނަވައެވެ.




