ސައުތު ރީޖަންގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިން ރަށެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.
އެ ތިން ރަށަކީ ތ. ތިމަރަފުށި، ގއ. ވިލިނގިލި ފޭސް 2 އަދި ލ. ގަން ފޭސް 2 އެވެ.
އެގޮތުން ތިމަރަފުށީގައި މިވަގުތު އާރްޑީސީން ކުރިއަށް ގެންދަނީ އެ ރަށު އެއާޕޯޓު މަގުގައި ދުވާރުގެ މަސައްކަތާއި ކާސްޓިންގް ޔާޑުގައި ކާރބް ސްޓޯން ކާސްޓު ކުރުމުގެ މަސައްކަތެވެ.
ވިލިނގިލީ ފޭސް 2 ގައި ކުރިއަށް ދަނީ މުހައްމަދުކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ބަރާސީލު މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ.
ގަން ފޭސް 2 ގައި ކުރިއަށް ދަނީ ބޮޑުތަކުރުފާނު މަގުގައި ކީވޯލް އެޅުމަށް މަގު ކޮނުމުގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.




