އައްޑޫސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން، މައްސަލަ ޖެހިފައިވާ ތިން ޖެނެރޭޓަރު ސެޓު މަރާމާތުކޮށް، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
ހިތަދޫ ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖެނެރޭޓަރަށް މައްސަލަ ދިމާވެފައިވާ ކަމަށާއި އޭގެ އިތުރުން އެއް ޖެނެރޭޓަރު ސެޓު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް ފެނަކަ އިން ކުރިން ބުނެފައިވެއެވެ.
ނަމަވެސް އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންގެންދަނީ މިކަމަށް ވީހާވެސް އަވަހަކަށް ހައްލެއް ގެނެސް ދިނުމަށެވެ.
މިކަމާ ގުޅިގެން ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށާއި އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޯޓުގެ ޖެނެރޭޓަރު ސެޓެއް ހޯދައި، އައްޑޫއަށް ފޮނުވުމަށް ލޭންޑިން ކްރާފްޓަށް މިހާރު ލޯޑްކޮށްފައިވާ ކަމަށެވެ.
”ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާއިރު، 2 ވަނަ ޖެނެރޭޓަރު މަރާމާތުކޮށް، މި ހަފުތާގައި ނިޔަލަށް ހިންގޭނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ސްޕެއަ ގެނެސްގެން 3 ވަނަ ޖެނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ ހިންގަން ފެށޭނެ އެވެ،“ ފެނަކަގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.




