މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތިން ޖެނެރަލް މެނޭޖަރުން މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.
މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި މިފްކޯ އިން މިއަދު ބުނީ މިފްކޯގެ މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް، ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެންވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންދަމުން“ މިފްކޯ އިން ބުނެފައިވެއެވެ.
މީގެއިތުރުން ސަރުކާރުގެ މަސް ކުންފުނިން ބުނީ، މި އިސްލާހީ އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމުގައެވެ.
ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކުރިކަން މިފްކޯއިން ހާމަކުރި ކަމުގައިވިޔަސް، އެމީހުންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
މިފްކޯ އެފިޝަންސީ އެކްސަސައިޒް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.




