ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަނެ މޮނިޓަރ ކުރަމުންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިން ކެޓަގަރީއަކަށް ބަހާލައިގެން އަސާސީ ބާވަތްތައް މޮނިޓަރ ކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 93 މުދަލާއި، މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 މުދަލާއި، ކަނޑުމަހުގެ ބާވަތްތަކުން 10 މުދާ ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން ބާޒާރުގެ އަގުތައް މޮނިޓަރ ކުރާނެ,“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، އަސާސީ ބާވަތްތަކުގެ އަގު ބޮޑުވެއްޖެނަމަ ”އަސާސީ ބާވަތްތައް ކަނޑައެޅުމާއި އަގު މޮނިޓަރކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލު ކުރާނެ ގޮތުގެ އުސޫލު“ ގެ ދަށުން އިންޓަވީން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރޯދަ މަހަށް ޚާއްޞަކޮށް 141 މުދާ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، މި ތަކެތީގެ އަގު ބޮޑުވާނަމަ އާންމުންނަށް ރިޕޯޓު ކުރެވޭނެ ޚާއްޞަ ސިސްޓަމެއް ތަޢާރަފްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ރޯދަ މަހަށް ޚާއްޞަ ތަކެތި ބާޒާރުގައި އަބަދުވެސް ލިބޭނެކަން ޔަގީންކުރުމަށް އެސްޓީއޯ މެދުވެރިކޮށް އެތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާ,“ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބާޒާރުގައި އަގުބޮޑުވާ ތަކެއްޗާއި ލިބުން ދަތިވާ ތަކެތީގެ ސަޕްލައި އިތުރުކުރުމަށް އެސްޓީއޯއާ އެކު މަސައްކަތްކުރަމުންދާ ކަމަށެވެ.



