މާޅޮސްމަޑުލު އުތުރުބުރީ ”އުފުލަންދޫ“ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ ”ތާވަތާ“ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް މިނިންމުން ނިންމަވާފައިވާއިރު، މި ނިންމެވުމާ ގުޅިގެން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ވަނީ އިޞްލާޙު ގެނެވިފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޑރ. މުޢިއްޒު މި ނިންމެވުން ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު މިނިންމެވުން ނިންމެވި މައިގަނޑު މަޤްޞަދަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމެވެ. މީގެއިތުރުން، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިނިންމުމާއިއެކު ރައީސް މުޢިއްޒު ވަނީ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.



