މި އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ދޫކުރާ ގަދިއާއި މަރުކަޒުތަކަށް އެސްޓީއޯ އިން ބަދަލު ގެނެސްފިއެވެ.
އެސްޓީއޯ އިން މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހަށް ގޭބިސީތަކަށް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށްޓަކައި، މަސްދަޅުކޭސްތައް މިހާރު ބަހަން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. ކުރިން އެ ހަރަކާތް ފަށަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ.
މިގޮތުން މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
- 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ 2025- ބަންދު
- 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މީގެއިތުރުން އެސްޓީއޯ އިން ވަނީ މަސްދަޅުކޭސް ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސް ބަދަލު ގެނެސްފައެވެ.
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭގައި: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު



