މި ފެށޭ ރަމަޟާން މަހަށް މާލެ ސަރަހައްދު ސާފު ކުރުމުގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިންވެސް ބައިވެރިވެ، ވިލިމާލެ ސާފުކުރުމުގައި ހަރަކާތްތެރި ވެއްޖެއެވެ.
”ސާފު ވިލިމާލެ، ރައްކާތެރި ވެށި“ މި ޝިޢާރުގެ ދަށުން މިއަދު ހެނދުނު ވިލިމާލޭގައި ފެށި ސާފު ކުރުމުގެ މި ހަރަކާތުގައި އެމްޑަބްލިޔުއެސްސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މާލެ ސިޓީ ކައުންސިލާއި އިތުރު މުއައްސަސާތަކާއެކު ހިނގުނު މި ހަރަކާތުގައި އެމްޑަބްލިޔުއެސްސީން ވަނީ ވިލިމާލޭގެ މަގުތަކާއި، ގަސްތަކުތެރެއާއި، ބީޗު ސަރަޙައްދުގެ އިތުރުން އާންމުން އެއްވެ އުޅޭ ގިނަ ސަރަހައްދުތަކެއް ސާފުކުރުމުގައި ހަރަކާތްތެރި ވެފައެވެ.
ރަމަޟާން މަހަށް މާލެ ސަރަހައްދު ސާފުކުރުމަށް، ސަރުކާރުން އިސްނަގައިގެން ”ރޯދަ ސާފު“ ގެ ނަމުގައި މިދިޔަ ހަފްތާގައި ފަށާފައިވާ މި ހަރަކާތުގައި މިހާތަނަށް ގިނަ މުއައްސަސާތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މާލެތެރޭގެ އެކި ސަރަހައްދާއި، ހުޅުމާލޭގެ އިތުރުން އެއާޕޯޓު ސަރަހައްދު ސާފު ކުރުމުގައި އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ ދަށުން އެމްޑަބްލިޔުއެސްސީން މިދިޔަ ހަފްތާގައި ވަނީ މާލެތެރެ ސާފުކުރުމުގައި ވެސް ހަރަކާތްތެރިވެފައެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭތެރެއާއި މަގުމަތި ސާފު ކުރުމަކީ އެވޭލާ ޒަމާނުއްސުރެ ކުރަމުން ގެންދާ ކަމެކެވެ. އެކަމުގެ ސަބަބުން ރޯދައަށް ގޭތެރެއާއި މަގުތައް ސާފުވުމުގެ އިތުރުން، އެކަކު އަނެކަކުގެ ގުޅުންވެސް ބަދަހިވެގެންދެއެވެ.



