މި ފެށޭ ރަމަޟާން މަހަށް މާލެ ސަރަހައްދު ސާފު ކުރުމުގެ ގޮތުން ވިލިމާލޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވެސް ބައިވެރިވެވަޑައިގެންފިއެވެ.
”ސާފު ވިލިމާލެ، ރައްކާތެރި ވެށި“ މި ޝިޢާރުގެ ދަށުން މިއަދު ހެނދުނު ވިލިމާލޭގައި ފެށި ސާފު ކުރުމުގެ މި ހަރަކާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީ ކައުންސިލުގެ އިތުރުން ބައެއް މުއައްސަސާތައް ވެސް ވަނީ ބައިވެރިވެފައެވެ.
ރަމަޟާން މަހަށް މާލެ ސަރަހައްދު ސާފު ކުރުމުގެ މި ހަރަކާތުގެ ދަށުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ ވިލިމާލޭގެ މަގުތަކާއި، ގަސްތަކުތެރެއާއި، ބީޗު ސަރަޙައްދުގެ އިތުރުން އާންމުން އެއްވެ އުޅޭ ގިނަ ސަރަހައްދުތަކެއް ސާފުކުރުމުގައި ހަރަކާތްތެރި ވެފައެވެ.
މާލެ ސަރަހައްދު ސާފުކުރުމަށް، ސަރުކާރުން އިސްނަގައިގެން ”ރޯދަ ސާފު“ ގެ ނަމުގައި މިދިޔަ ހަފްތާގައި ފަށާފައިވާ މި ހަރަކާތުގައި މިހާތަނަށް ގިނަ މުއައްސަސާތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މާލެތެރޭގެ އެކި ސަރަހައްދާއި، ހުޅުމާލޭގެ އިތުރުން އެއާޕޯޓު ސަރަހައްދު ސާފު ކުރުމުގައި އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭތެރެއާއި މަގުމަތި ސާފު ކުރުމަކީ އެވޭލާ ޒަމާނުއްސުރެ ކުރަމުން ގެންދާ ކަމެކެވެ. އެކަމުގެ ސަބަބުން ރޯދައަށް ގޭތެރެއާއި މަގުތައް ސާފުވުމުގެ އިތުރުން، އެކަކު އަނެކަކުގެ ގުޅުންވެސް ބަދަހިވެގެންދެއެވެ.



