ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކޮށް، އެ ބަނދަރު ހިންގުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި ރޭ ކުޑަހުވަދޫގައި ބޭއްވި ޚަފްލާއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާންއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި މި ވިޔަފާރި ބަނދަރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކެވެ. އަދި މި ބަނދަރާއެކު، މުސްތަޤުބަލުގައި ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްޤީވެ، އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުތައް އެރަށަށް ފަހިވެގެން ދާނެއެވެ.
މީގެއިތުރުން އެމްޕީއެލް އިން ބުނީ، އެ ކުންފުނިން ކުޑަހުވަދޫގައި ވިޔަފާރި ބަނދަރު ތަރައްޤީ ކުރާނީ ބަނދަރުގެ އެކި ޚިދުމަތްތައް ލިބޭނެ ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެރަށުގައި ބޮންޑަޑް ވެއާހައުސް ހަދައި، އިތުރު ޚިދުމަތްތައް ތަޢާރަފު ކުރުމަކީ ވެސް އެކުންފުނީގެ ވިސްނުމެއް ކަމުގައި އެމްޕީއެލް އިން ބުނެފައިވެއެވެ.
ކުޑަހުވަދޫ އަކީ އާބަން ސެންޓަރުތައް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ހަތް ރަށުގެ ތެރެއިން އެއް ރަށެވެ.



