ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މުޅި ރާއްޖެއަށް ފެތުރިއްޖެ ކަމަށާއި މޫސުމް އަލިވާނީ އަންނަ ހޯމަ ދުވަގެ ފަހުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. ވަކިން ހާއްސަކޮށް މެދުރާއްޖެތެރއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނެ ކަމަށްވެއެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.



