ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އަށް މިއަދު ހުށަހަޅާފައެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހުށަހެޅި ފުރަތަމަ 17 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ޕްލޭން ހުށަހެޅި ހަތަރު ވަނަ ގައުމަކީ ރާއްޖެ އެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަހުލުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ އިސްނަގާކަން ދައްކުވައިދޭ ކަމެކެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި މިޕްލޭން ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 2035 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ތަޞައްވުރު ކަނޑައަޅައި، އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިންމު ކަމެކެވެ.
މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ. މި ޕްލޭންގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކޮށް 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް އަދި އައު ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ.
މިގޮތުން، ހަކަތައިގެ ދާއިރާއިންނާއި، ދަތުރުފަތުރުގެ ދާއިރާ އަދި ކުނި މެނޭޖްކުރުމުގެ ދާއިރާތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވޭނެ މަސައްކަތްތައް ވަނީ ބަޔާންކޮށްފައެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެކެވެ. ނަމަވެސް، މި ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ މި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށް މާލީ، ޓެކްނޯލޮޖީ، އަދި މި ކަން ތަންފީޒްކުރުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ލިބިގެންނެވެ.



