ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓް މިއަދު އާންމުކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ 261 ބާވަތެއް ލިސްޓުގައި ހިމަނާފައި ވެއެވެ.
މި މަހުގެ 12 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ގެޒެޓްކޮށް އަމަލުކުރަން ފެށި ”ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދު“ގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އާ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓެއާ، އާ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރަންވާނެ އެވެ. އަދި އާ ބާވަތްތައް ރަޖިސްޓަރީކުރަމުންދާ ވަރަކަށް ލިސްޓު އަޕްޑޭޓްކޮށް ގެޒެޓްކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ އުސޫލާ އެއްގޮތަށް ހެލްތު މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ ބާވަތްތަކުގެ ލިސްޓު އާންމުކުރި ނަމަވެސް މި ފަހަަކަށް އައިސް ރާއްޖޭގައި ދުންފަތް ހަދައިގެން ވަގަށްވެސް ދުންފަތުގެ ބައެއް ބާވަތްތައް ދަނީ ވިއްކަމުން ނެވެ.
ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ދުންފަތާ ބެހޭ ގާނޫނުގެ 1 ވަނަ އިސްލާހުގައިވާ ގޮތުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދުގެ ދަށުން ދުންފަތް އޮޅަން ބޭނުންކުރާ ސާމާނު ރާއްޖެއަށް އެތެރެކުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.




