މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ފަސޭހައިން ބަލައިލުމަށް ”އަގުމަގު“ ގެ ނަމުގައި ޕޯޓަލެއް ރޭގައި ލޯންޗްކޮށްފިއެވެ.
މި ޕޯޓަލް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މިކަމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ ޕޯޓަލެއް ކަމަށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
”އަގުމަގު“ ޕޯޓަލުން ބާޒާރުގެ އަގުތައް ފެންނަން ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވުމަށްފަހު މިނިސްޓަރު ސަޢީދު ވިދާޅުވީ މިފަދަ ޕޯޓަލެއްގެ ބޭނުމަކީ ރައްޔިތުންނަށް ލައިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން ކަމަށެވެ.
”މީގެން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެބޭފުޅުން އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން. އެއީ މީގައި ދެން އޮތް މަރުހަލާއަކީ. އަޅުގަނޑުމެންގެ އިންސްޕެކްޓަރުން އެކި ތަންތަނަށް ގޮސްގެން ހޯދާ ގޮތައް މިހުންނަނީ. އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް“ މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ.




