މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ވިޓާލީ އެ މަގާމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސަބަބު އަދި ހާމަވެފައެއް ނުވެއެވެ.
ވިޓާލީ އަކީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ ކުރިން ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަމުގެ އިތުރުން ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމުގެ މަގާމުން މިއަދު ވިޓާލީ ވަކިކޮށްފައިވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ މިފްކޯގެ މެނޭޖުމަންޓު ޕާފޯމަންސް ރިވިއުކޮށް، ޖެނެރަލް މެނޭޖަރުންގެ މަގާމުގައި ތިބި ތިން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ މެނޭޖަރުން ވަކި ކުރި ސަބަބު ހާމަ ކުރަމުން އޭރު މިފްކޯއިން ބުނެފައި ވަނީ، އެއީ ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމަށް ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށެވެ.



