އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއަށާއި، އާންމު ޚިދުމަތްތަކުގެ ގޮތުގައި ގިނަގުނަ މަސައްކަތްތަކެއް، އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން މިދިޔަ ފެބްރުއަރީ މަހު ކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން، އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޙަސަން ނާޒިލް ވިދާޅުވީ، އެ ޔުނިޓުން މިދިޔަ ފެބްރުއަރީ މަހު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެމް.އެން.ޑީ.އެފް އެއަރކޯގެ މަސައްކަތްތަކާއި، ސިޓީ ކައުންސިލަށް ބޭނުންވާ 989 ޓަނުގެ ވެލި ޖަމާކޮށްދިނުމާއި، ލިންކު ރޯޑުގެ އަރިމަތި ސާފުކޮށް ބެލެހެއްޓުމާއި، ހިތަދޫ، ފޭދޫ އަދި މަރަދޫފޭދޫ ސަރަޙައްދުގެ ލިންކު ރޯޑުގެ ތާރުގަނޑުން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމާއި، ގޯތި ދޫކުރާ ސަރަޙައްދު ސާފުކޮށްދިނުން ފަދަ އެތައް މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން އެ ޔުނިޓުން މިދިޔަ މަހު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކުޅިވަރު ކޯޓުތައް ރަނގަޅުކޮށްދިނުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ނާޒިލް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ހިތަދޫ ޔޫތު ސެންޓަރގެ ގޯތިތެރޭގައި ވޮލީ ކޯޓެއް ހެދުމަށް ބިން ތައްޔާރުކޮށްދިނުމާއި، އާ ސްވިމިންގ ޓްރެކް އެޅުމަށް ޓަކައި އެހީތެރިވެދިނުމާއި އަދި ފޭދޫ ވޮލީ ކޯޓަށް ވެލިއަޅައި ބިންގަނޑު ލެވެލްކޮށްދިނުން ފަދަ ކަންކަން ކޮށްފައިވެއެވެ.
މިދިޔަ މަހު އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން ކުރި މަސައްކަތްތަކުގެ ތެރޭގައި ހިތަދޫ ޑްރައިވިންގ ޓްރެކްގެ މަސައްކަތާއި، ހިތަދޫ އިންޑަސްޓްރިއަލް ޒޯންގެ މަގުތަކުގެ މަސައްކަތާއި، ބާބަކިޔޫ ސަރަޙައްދާއި، މަރަދޫފޭދޫ ސުކޫލްކައިރީ އޮތް ހުސްބިން ސާފުކޮށް، ޕާކިން ޒޯން ހެދުމުގެ މަސައްކަތާއި، އެޗްއާރުސީއެމް ކައިރި ސާފުކޮށްދިނުމުގެ އިތުރުން ރޯދަ ހަދިޔާ ބެހުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.



