އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑޭ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން 1.8 މެގަވޮޓްގެ އިތުރު ޖެނެރޭޓަރެއް ގެންދަން ތައްޔާރުވަމުން އަންނަކަމަށް ފެނަކައިން ބުނެފިއެވެ.
އެ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. މިކަން ހައްލުކޮށްދިނުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސަރުކާރާއި ފެނަކަ ގުޅިގެން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފެނަކަ އިން ކުރިން ބުނި ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ޤަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުންނެވެ.
މި މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް ފެނަކައިން ވަނީ މިދިޔަ މަހުގައި ވެސް 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް އައްޑޫސިޓީއަށް ގެންގޮސްފައެވެ. ނަމަވެސް އިތުރު ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހި ކަރަންޓު ލޯޑު ނުހިފެހެއްޓުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކަގެ މުހައްމަދު ނަޖާހު ވިދާޅުވީ، މިމައްސަލަ ހައްލު ކުރުމަށް އަންނަ ހަފްތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ދިމާވި މައްސަލައަކީ ސްޕެއަރ ނެތިގެން ދިމާވި މައްސަލައެއް ނޫން ކަމަށެވެ.



