ފްރާންސަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ނޮން ރެސިޑެންޓް ސަފީރު ޑރ. އިރުތިޝާމް އާދަމް، ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންއަށް މިއަދު އަރުވައިފިއެވެ.
ފްރާންސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އިރުތިޝާމް އެރުވީ، އެކަމަށްޓަކައި ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ސަފީރު އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ފްރާންސްގެ ރައީސް މެކްރޯންއަށް އަރިސްކުރައްވާފައެވެ. އަދި ރާއްޖެއާއި ފްރާންސާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހި ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.
އިރުތިޝާމްއަކީ ފްރާންސަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ނޮން ރެސިޑެންޓް ސަފީރުގެ އިތުރުން، އިނގިރޭސިވިލާތަށް ވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ސަފީރެވެ.




