ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ ކޯޕަރޭޝަނުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ސިވިލް ކޯޓުން ނިންމައިފިއެވެ.
އެޗްޑީސީއާ ސީލައިފް އާއި ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ 2014 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހުއެވެ.
ނަމަވެސް ސީލައިފުން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި، އެޗްޑީސީން ވަނީ ސީލައިފްއާ އެކު ވެފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ބާތިލުކޮށްފައެވެ.
އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ޤާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަންއަށް މައްސަލައެއް ހުށަހެޅިއެވެ.
މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެ ކޯޕަރޭޝަންގެ މައްޗަށް އަމުރުކުރުމަށެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންއިންވަނީ، ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ ކޯޕަރޭޝަނުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް އެކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.
ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެޗްޑީސީން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ ކޯޕަރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.



