ޤައުމީ އެއާލައިން މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށްވެސް ”ޕްރީމިއަމް އެކެނޮމީ“ ކްލާސް ތައާރަފްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި މޯލްޑިވިއަންއިން ބުނީ ކުރިން ހަމައެކަނި އިންޓަނޭޝަނަލް ދަތުރުތަކަށް ޚާއްސަކުރި އެ ހިދުމަތް މިހާރު އެތެރޭގެ އުދުހުންތަކަށްވެސް ތައާރަފްކޮށްފައިވާ ކަމަށާއި މި ހިދުމަތް ފެށޭނީ އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފެށޭ މި އައު ހިދުމަތަކީ މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ އަދި ހިތްހަމަޖެހޭނެ ހިދުމަތަކަށްވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިއީ މޯލްޑިވިއަންއިންދޭ ހިދުމަތްތަށް އިތުރަށް ފުޅާވެގެންދާނެ ހިދުމަތެއް ކަމުގައިވެސް ބުނެފައިވެއެވެ.
ޕްރީމިއަމް އެކެނޮމީ ކްލާހުގެ ދަތުރުތައް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ދަތުރުތަކަށް މިއަދުން ފެށިގެން ބުކް ކޮށްލެވޭނެއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ތައާރަފްކޮށްފައިމިވާ ”ޕްރީމިއަމް އެކެނޮމީ“ ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް ލިބޭ އިތުރު ފައިދާތަކަކީ:
° 25 ކިލޯގެ ބެގޭޖް ގެންދެވޭނެ
° ފުރަން ބޭނުންވާ ތާރީޙު އެއްފަހަރު ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ
° ޗެކިން ކުރާއިރު އިސްކަން ދެވޭނެ.
ޕްރިމިއަމް އެކެނޮމީ ކްލާހުގައި މާލެއިން ދަތުރުކުރާ ފަރާތްތަކަށް، ދަތުރު ފެށުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މޫމިނާ ލޯންޖުގައި މަޑުކޮށްލާ އަރާމުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ. މޫމިނާ ލޯންޖުގައި މަޑުކުރާ ފަރާތްތަކުން ބޭނުންވާނަމަ، އެތަނުން ރިފްރެޝްމަންޓްސް ވެސް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.
މާލޭގެ އިތުރުން ދަރަވަންދޫއާއި އިފުރުން މި ކްލާހުގައި ދަތުރުކުރާ ފަރާތްތަކަށް އެތަނެއްގައި ކަނޑައަޅާފައިވާ ލޯންޖުތަކުގައި މަޑުކުރެވޭނެ ކަމަށާއި ޗެކްއިން ކުރާއިރު އިސްކަން ދެވޭނެ ކަމަށް ޤައުމީ އެއާލައިނުން ބުނެފައިވެއެވެ.
ޕްރީމިއަމް އެކެނޮމީން ދަތުރުކުރާ ފަރާތްތަކަށް ކޮމްޕްލިމެންޓަރީ ލުއިކާނާއަކާއި ބުއިމެއް ވެސް ފްލައިޓުން ލިބޭނެ ކަމަށާއި މި ކްލާހުގައި ދަތުރުކުރާ ފަރާތްތަކުގެ ލަގެޖުވެސް އެންމެ ފުރަތަމަ ހަވާލު ކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.




