ހަނގުރާމަ ހުއްޓާލުމަށް ޖެނުއަރީމަހު އެއްބަސްވެ، ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ހަމަހިމޭންކަމަށްފަހު މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ދޭން ފެށި ކުއްލި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު 500 އަށްވުރެ އިތުރުވެއްޖެއެވެ. އެގޮތުން ރޭ ދަންވަރުވެސް ދިން ހަމަލާތަކުގައި، ފަތިސްވާން ގާތްވެފައިވަނިކޮށް ޣައްޒާގެ 37 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ބޭރުގެ ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.
އެއްވެސް އިންޒާރަކާ ނުލައި ދޭން ފެށި މި ކުއްލި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ޔަހޫދީ ނުބައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިއީ އަދި ހަމަ ފެށުން ކަމަށާއި ކުރިއަށް އޮތްތަނުގައި އިޒްރޭލުންދޭ ހަމަލާތަށް މިއަށްވުރެ ވަރުގަދަ ކުރާނެ ކަމަށެވެ.
ޣައްޒާގެ ކުށެއްނެތް ރައްޔިތުން މިފަދައިން މެރުމާއި، އެމީހުންނަށް އިޒްރޭލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ އިސްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކިއެކި ޖަމާޢަތްތަކުން ވެސް ދަނީ ހުއްޓުމެއްނެތި އިޒްރޭލަށް ގޮވާލަމުންނެވެ. އަދި އެއްބަސްވެފައިވާ ގޮތަށް ޢަމަލުކޮށް، އެއްބަސްވުމުގެ ހުރިހާ މަރުހަލާއެއް ސާބިތުކަމާއެކީ ފުރިހަމަ ކުރުމަށްވެސް އެ ޤައުމުތަކުންނާއި ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.
ނަމަވެސް އެ އެންމެންގެ ގޮވާލުންތަކަށް ވެސް ބީރު ކަންފަތެއްދީ، އެމެރިކާގެ ޔަހޫދީ ނުބައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއި ލަފަޔާއި އިރުޝާދުގެ މަތިން އިޒްރޭލުން ބުނަމުންގެންދަނީ ހަމާސް ޖަމާއަތުގެ އެއްމެ މެންބަރެއްވެސް ދުނިޔޭގައި ހުއްޓައި މިފަހަރު ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިޒްރޭލު ސިފައިންވެސް ދޫކޮށްނުލަނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހަމާސްއިން ބުނަމުންގެންދަނީ، އިޒްރޭލު ސިފައިން މިނިވަން ނުކުރަން ގަސްދުކޮށްފައިނުވާ ކަމަށާއި ނަމަވެސް އެމީހުން މިނިވަން ކުރެވޭނީ، އެއްބަސްވެފައިވާ ގޮތުގެ މަތިން ޣައްޒާއަށް ދެން ހަމަލާއެއް ނުދޭނެ ކަމަށް އެއްބަސްވެ ދާއިމީކޮށް ހަނގުރާމަ ހުއްޓާލާނެ ކަމަށް އިޒްރޭލުން އެއްބަސްވާ ދެވަނަ މަރުހަލާ ފުރިހަމަ ކުރުމުން ކަމަށެވެ.
އިޒްރޭލުން ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. އޭގެތެރޭގައި އުމުރުން އެންމެ ތިން ދުވަސްވީ ތުއްތު ކުއްޖެއްވެސް ހިމެނެއެވެ.



