ފާއިތުވީ ހަފްތާ ވެގެންދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ގިނަ މަޝްރޫޢުތަކެއް ލިބިގެންދިޔަ ހަފްތާއަކަށެވެ.
މަގުހެދުމުގެ މަސައްކަތްތަކުގެ އިތުރުން އާރްޑީސީން މިހާރު މިވަނީ އަތޮޅުތެރޭގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކަކާވެސް ހަވާލުވެފައެވެ.
އެގޮތުން ސަރުކާރާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް އާރްޑީސީން ހަވާލުވެފައިވާ މަސައްކަތްތަކަކީ:
° ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލުގެ މަސައްކަތް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އެ ކޯޕަރޭޝަނާއި ހަވާލުކުރުން.
° އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކުރުން.
° އަތޮޅުތެރޭގެ ރަށްތަކުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖު ކުރުމުގެ މަރުކަޒުތައް ގާއިމްކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓާއެކު ސޮއިކުރުން.
° އދ. ހަންޏާމީދޫއާއި އއ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމާއި ކ. ކާށިދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއެކު ސޮއިކުރުން.
° އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި އާރްޑީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނު.
މި މަޝްރޫޢުތަކާ ގުޅޭގޮތުން އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރް ވިދާޅުވީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނީ، ސަރުކާރުން އިސްކަންދޭ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަަށް ކަމުގައެވެ.




