ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 2023 ވަނަ އަހަރު ލިބުނު ގެއްލުމުން އަރައިގަނެ، މިދިޔަ އަހަރު އެ ކުންފުނިން 137.9 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވަނީ ފާއިތުވި ހަތް އަހަރު ސްޓެލްކޯއިން ހޯދި އާމްދަނީގެ ތަފާސް ހިސާބުތައް ހާމަކުރައްވާފައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ފައިދާ ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން، 2018ގައި އެކުންފުންޏަށް 105 މިލިއަން ރުފިޔާގެ ފައިދާ ލިބުނުއިރު، ޖެހިގެން އައި 2019ގައި ހޯދިފައިވަނީ 109 މިލިއަން ރުފިޔާއެވެ. އަދި، 2020 ވަނަ އަހަރު ސްޓެލްކޯއިން ހޯދީ 130 މިލިއަން ރުފިޔާގެ ފައިދާއެވެ.
ނަމަވެސް، އެއާ ޖެހިގެން އައި 2021 ވަނަ އަހަރު އެކުންފުނީގެ ފައިދާ 104 މިލިއަން ރުފިޔާއަށް ދަށްވިއެވެ. އަދި 2022 ވަނަ އަހަރު 106 މިލިއަން ރުފިޔާގެ ފައިދާ ލިބުނު ނަމަވެސް 2023 ވަނަ އަހަރު ސްޓެލްކޯއަށް 171.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.
އެ ގެއްލުމުން އަރައިގަނެ، މިދިޔަ އަހަރު އެ ކުންފުންޏަށް ހޯދުނީ 137.9 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި ހަ އަހަރު ތެރޭ ސްޓެލްކޯއަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ.
ގެއްލުމުން އަރައިގަނެ، ލިބުނު ފައިދާއާ ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެންނާއި އިސްރާފު ކުޑަކޮށް، ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރެވުމުން ކަމަށެވެ.



