އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް، އަނެއްކާވެސް 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް ފެނަކަ އިން ފޮނުވަން ތައްޔާރުވެއްޖެއެވެ.
ފެނަކަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ އައްޑޫއަށް އެ ޖެނެރޭޓަރު ފުރުވާލުމުގެ މަސައްކަތް ރޭގައި ފަށާފައިވާ ކަމަށާއި މިއީ މިދިޔަ ތިން މަސް ތެރޭގައި އައްޑު އަށް ފޮނުވާ ތިން ވަނަ ޖަނެރޭޓަރު ކަމަށެވެ. އަދި ކުރިން ފޮނުވި ދެ ޖެނެރޭޓަރުވެސް އިންސްޓޯލުކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް ނަޖާހު ވިދާޅުވެފައިވެއެވެ.
ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އިއްޔެ ވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ޖެހިފައިވެއެވެ.
މިކަމާ ބެހޭގޮތުން ނަޖާހު ވިދާޅުވީ، އިއްޔެ ކަރަންޓު ކަނޑަމުން ދާން ޖެހުނީ އޭގެ ކުރީ ދުވަހު އެއް ޖަނެރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މަރާމާތު ކުރަމުން އަންނަނިކޮށް ދެވަނަ ޖަނެރޭޓަރެއް ވެސް ފެއިލް ވުމުން ކަމަށެވެ.
”އަޅުގަނޑުމެންނަށް މަޖުބޫރުވީ ކަރަންޓު ކަނޑަމުން ދާން. އެކަމަކު، ޓެކްނިކަލް މައްސަލަ ދިމާވި ދެ ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިރޭ ވަނީ އަލުން ކަރަންޓު ދީފައި. އަނެއް ޖަނެރޭޓަރު ވެސް މަރާމާތު ކުރަމުން އެބަދަން“ ނަޖާހު ވިދާޅުވިއެވެ.
ފެނަކައިން ވެސް ރޭގައި ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރަމުންދާ ކަމަށެވެ.



