ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް ސަރުކާރުގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އާދަމް ނަސީރު އިވްރާހިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ ކަމެއްކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އާސާރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މި މަސައްކަތުގެ ދަށުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރައްވާފައެވެ.
ރާއްޖޭގެ ތާރީޚުގައި ހިމެނިފައިވާ ޤައުމިއްޔަތާއި ގުޅުންހުރި ބިނާތަކާއި އާސާރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމުގެ ޤައުމީ މަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



