ޢީދު ބަންދާއި ދިމާކޮށް، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ބ. ފުޅަދޫއަށް ކޮންމެ ހަފްތާއެއްގެވެސް ދެދުވަހު ކުރާނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ.
ޢީދާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެތެރޭގެ އުދުހުންތަކަށް އަންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކަށް އެ އެއާލައިނުން އިތުރު ދަތުރުތައް ބާއްވަމުންދެއެވެ. އެގޮތުން މި އަހަރުވެސް ޢީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ފުޅަދޫއަށް ފަށަން ވަނީ ނިންމައިފައެވެ.
މިކަމާ ގުޅޭގޮތުން އިއްޔެ މޯލްޑިވިއަންއިން ބުނީ ފުޅަދޫއަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށެވެ.
މި ދަތުރުތަކާއެކު ބ. އަތޮޅަށް އެ އެއަރލައިނުން ކުރާ ދަތުރުތައް ފުޅާވެގެންދާނެކަމަށާއި އެގޮތުން ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށްވެސް ދަތުރުކުރަން ބޭނުން ފަރާތްތަކަށް މިއީ ލިބިގެންދާނެ ފަސޭހައެއް ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ބުނީ މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއެއަރލައިނުން ބުނެފައިވެއެވެ.



