މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ މާދަމާ މެންދުރުފަހު ޢުމްރާވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަަތީ، އެގަޑީގައި އެއާޕޯޓު ބާރުބޮޑުވާނެ ކަމަށެވެ.
އެހެންކަމުން އެއާޕޯޓުގެ އޮޕަރޭޝަންސް ފަސޭހައިން ކުރިއަށް ގެންދިޔުމަށްޓަކައި، މާދަމާ އެކި ފުރަންދާ މީހުން ވީހާވެސް އަވަހަށް ސެކިއުރިޓީ ކްލިއަރެންސާއި ޗެކިން ހެދުމަށް އެމްއޭސީއެލުން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން ޓެކްސީތަކުން ވެސް މާދަމާ އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލުން އެދިފައިވެއެވެ.
ފާއިތުވީ ރަމަޟާންމަހު ޢުމްރާއަށް ދިޔަ މީހުން މާދަމާ އެނބުރި އައުމަށް ހަމަޖެހިފައިވަނީ، މާދަމާ މެންދުރުފަހު 2:00 ގައާއި ހަވީރު 4:00 ގައެވެ.
އުމްރާއިން މީހުން އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި އެއާޕޯޓުގައި ބާރު ބޮޑުވާ ދުވަސްތަކެކެވެ. އުމްރާވެރިންގެ އާއިލާތަކުން އެ މީހުން ބަލައި ދިއުމާއި ޓެކްސީތައް ނުލިބި ކިޔުގައި ގިނައިރު ތިބެން ޖެހުންފަދަ ކަންކަން މީގެ ކުރިން ވެސް ހިނގަ އެވެ.




