ހުޅުމާލޭގައި ޕިކްނިކް ހަދަން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕިކްނިކް ހަދަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހުއްދަ ހޯދަން ޖެހޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ޕިކްނިކް ހަދަންދާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް ޚަފްލާއެއް ބާއްވާ އުސޫލުން ގޮނޑިތަކާއި މޭޒު ގެނެސް، ނުވަތަ ޕާޓީއެއްފަދަ ޚަފްލާއެއް ބޭއްވުމަށް ފޮޓޯ ނަގަން ބެކްޑްރޮޕްފަދަ ތަކެތި ބަހައްޓާނަމަ އެޗްޑީސީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި ހުޅުމާލޭގެ ބީޗާއި ޕާކުފަދަ އާންމުތަންތަނުގައި ވިޔަސް ޢަމަލުކުރަން އޮންނަ އުސޫލަކީ މިއީ ކަމުގައި ވެސް އެޗްޑީސީން ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ ހުޅުމާލެއަކީ އެންމެންނަށް ވެސް ރައްކާތެރި އަދި ސާފު ތަނަކަށް ހެދުމަށާއި އެގޮތުގައި ބެލެހެއްޓުމަކަށްޓަކައި އެ ކޯޕަރޭޝަނުގެ އިންސްޕެކްޓަރުން އަބަދުވެސް ބަލަމުންދާނެ ކަމަށާއި އެގޮތުގެ މަތިން ބައެއްފަހަރު އާންމުންނާ ސުވާލުވެސް ކުރާނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެ އޮފިޝަލުންގެ ޒިންމާއަދާކުރުމުގެ ގޮތުން، ބައެއް ފަރާތްތަކާ ގުޅޭނެ ފޯނު ނަންބަރެއް ނުވަތަ އެނޫންވެސް މައުލޫމާތު ހޯދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.




