މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް)ގެ މުވައްޒަފުން ގައިދީންގެ އާއިލާތަކަށް 22،200 ރުފިޔާ ބަހައިފިއެވެ.
އެމްސީއެސް އިން މިއަދު ބުނީ ރަމަޟާން މަހާ ގުޅުވައިގެން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އެ 10 ޢާއިލާއަށް 2،220 ރ ރުފިޔާގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.
އެމްސީއެސް އިން ބުނީ ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް އެ ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރވިސްއިން އަމާޒުކޮށްފައިވީ ނަމަވެސް، އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައި ވަނީ ޖުމްލަ 21 ފަރާތުން ކަމަށް ކަރެކްޝަނުން ބުނެއެވެ.
އެމްސީއެސް އިން ބުނީ އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައި ވަނީ ޖުމްލަ 10 ޢާއިލާ ކަމަށެވެ.
އެމްސީއެސް އިން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭމިންވަރު ހިމެނެއެވެ.



