އެމެރިކާއިން ވަނީ އީރާނާއެކު މަޝްވަރާ ކުރަން ނިންމާފައި ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.
ޓްރަމްޕް މިކަންހާމަކޮށްފައި ވާއިރު މި މަހުގެ ކުރީކޮޅު އީރާނުން ވަނީ އެމެރިކާއިން މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.
ރައީސް ޓްރަމްޕް އިއްޔެ ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ އީރާނާއެކު މަޝްވަރާތައް ބާއްވަން ރާވާފައެވެ.
”ހޮނިހިރު ދުވަހު ވަރަށް ބޮޑު މަޝްވަރާ ބައްދަލުވުމެއް އޮންނާނެ، ސީދާ އެމީހުންނާ މުއާމަލާތް ކުރަމުން މިދަނީ،“ ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވަނީ އެ މަޝްވަރާތައް ކުރިއަށްދާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، އެ މަޝްވަރާތަކުގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕް ވިދާޅުވަނީ މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ ”އީރާނަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ“ ކަމަށެވެ.
”އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުގެންގުޅެވޭނެ އަދި މަޝްވަރާތައް ކާމިޔާބު ނުވާނަމަ ހަގީގަތުގައިވެސް ގަބޫލުކުރެވޭގޮތުގައި މިއީ އީރާނަށް ނުރައްކަލެއް“ ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ހަމަޖެހުމަށް އީރާނަކީ ނުރައްކަލެއް ކަމަށް ދެކޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަރުހަބާ ކިޔުމަށް ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ނަތަންޔާހޫވެސް ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން ނުޖެހޭ ކަމަށް ބާރުއަޅާފައެވެ.
ޖޯ ބައިޑަންގެ ވެރިކަމުގެ އެއް ދައުރުގައި ވޮޝިންޓަން އާއި ތެހެރާނުން ނުސީދާ މަޝްވަރާތަކެއް ކުރި ނަމަވެސް، އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.
ދެގައުމުގެ ދެމެދުގައި އެންމެ ފަހުން ސީދާ މަޝްވަރާތައް ކުރެވުނުކަން އެނގުނީ ބަރަކް އޮބާމާ އެމެރިކާގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރުގައެވެ.




