ދ. އުއްދޫ ޕިކްނިކް އައިލެންޑް މި މަހު 15 ގައި ހުޅުވުމަށް ތައްޔާރުވެެއްޖެއެވެ.
މިކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިއްޔެ އެ މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ވަގުތު ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އުއްދޫގައި ހަމަޖައްސައި ދިނުމަށްފަހު މި މަހު 15 ވަނަ ދުވަހު އުއްދޫ ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
”ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާ އިރު، ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކުން ބޭނުން ކުރަމުން އައި ދ. އުއްދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު ރައްޔިތުންނަށް ހަމަޖައްސަވައި ދެއްވި ރަށެކެވެ.
އެހެންކަމުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދ. އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ފަރާތުންނެވެ.



