ނ. ވެލިދޫގެ ތިން އިމާރާތެއްގެ މަސައްކަތަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ފޮނުވައިފިއެވެ.
ވެލިދޫއަށް އާރްޑީސީން ފޮނުވާފައިވަނީ އެ ރަށުގެ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތަށާއި، އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނެވެ.
އާރްޑީސީން އެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު ބޯޓަށް ލޯޑު ކޮށްފައިވަނީ ރޭގައެވެ. އަދި ވެލިދޫއަށް އެތަކެތި ގެންދިޔުމަށްޓަކައި މިހާރު އެ ބޯޓު ފުރާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ވެލިދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތާއި ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތް ސަރުކާރުގެ ފަރާތުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހުގައެވެ.



