ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ރީނދޫ ސަމާލު ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.



