ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން، މިއަދު ހެލްތު މިނިސްޓްރީން މަދަނީ ޖަމިއްޔާތަކާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރ ޢަބްދު ނާޒިމް އިއްޔެ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާފައެވެ.
އެގޮތުން ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން ވަނީ ލަފާ ދެއްވާފައެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.
މި ސިޔާސަތުގެ ދަށުން އެމަނިކުފާނު ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފުކުރަން ނިންމަވާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ ރައްޔިތުންނަށް މައުލޫމާތު ހާމަކުރެއްވުމަށް ކުރިއަށްގެންދާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ތެރެއިންނެވެ.
އެގޮތުން ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް، ރައީސް ނިންމަވާފައިވެއެވެ. އެގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ޢާންމުކުރި ޚިޔާލު ހޯދުމުގެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.



