ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ، 19 ދަރިވަރަކު ސެޓްފިކެޓް ހާސިލްކޮށްފިއެވެ.
އެގޮތުން މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ 19 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ޒުވާނުން ތަރައްގީ ކުރުމަށް ދިރާގުގެ އިސްނެގުމުގެ މަތިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ.
ދިރާގުން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް އޮތް 16 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބެޗަށްވެސް މަރުހަބާކިޔާފައެވެ. އެ ބެޗުގައި 20 ދަރިވަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
”މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ދާއިރާތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކީ އަދާ ކުރަމުން ދިއުމަކީ ފަހުރެއް“ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ދިރާގުން ފަހިކޮށްދެއެވެ.



