ސީނުކަރައިގެ ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަތީފެންވަރުގެ ވަފުދެއްގެ ބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ދާރުލްއާސާރުގެ އިތުރުން ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ހިމެނޭ ސަރަހައްދު ވެސް އެ ވަފުދުގެ ބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ.
ދިވެހި ބަހާ ސަގާފަތާ ބެހޭ މިިނިސްޓްރީން ބުނީ އެ ވަފުދުގެ ބޭފުޅުންނަށް ދިވެހި ސަގާފަތާއި ތަރިކައާއި މިއުޒިއަމާ ބެހޭ ގޮތުންނާއި ދާރުލްއާސާރުގައި ހުރި ތާރީޚީ ތަކެއްޗާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައި ވަނީ އެ މިނިސްޓްރީގެ ތާރީޚާ ބެހޭ މުޝީރު އަޙްމަދު ޢަލާ ދީދީ ކަމަށެވެ.
ދިވެހި ބަހާ ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވަނީ މި ވަފުދަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އެއިން އާމްދަނީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ދާއިރާއާ މެދު ގެންގުޅުއްވާ ދެމެހެއްޓެވި ޒަމާނީ އާ ގޮތްތައް ތަޢާރަފުކުރުމުގެ ތަޞައްވުރާއި ވިސްނުންފުޅު ޙަޤީޤަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.




