ޑޮމިނިކަން ރިޕަބްލިކްގެ ނައިޓްކްލަބްގެ ފުރާޅު ވެއްޓި 98 މީހުން މަރުވެ، އިތުރު 160 މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހާދިސާ ހިނގި ވަގުތު އެ ކްލަބުގައި 500 އާއި 1000 އާ ދެމެދުގެ އަދަދަކަށް މީހުން ތިއްބެވެ.
އޭގެ ތެރޭގައި ވީއައިޕީންނާއެކު އެތައް ސަތޭކަ ބަޔަކު އެ ނައިޓް ކްލަބްގައި ކޮންސެޓެއްގައި ބައިވެރިވަމުން ދިޔައެވެ.
ސެންޓޯ ޑޮމިންގޯގެ އެއް ބުރީގެ އެ ޖެޓް ސެޓް ނައިޓް ކްލަބްގެ ކުނިތަކުގެ ދަށުން މީހުން ސަލާމަތް ކުރަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނި ގިނަ ބަޔަކު އަދިވެސް ދިރިތިބި ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން އިމާރާތުގެ ދަށުން ކުނިތައް އެއްކޮށް ސާފު ކުރާނެ ކަމަށެވެ.
މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބްރޭ ވާގާސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މޭޖާ ލީގުގެ ކުރީގެ ބޭސްބޯލް ކުޅުންތެރިޔާ އޮކްޓަވިއޯ ޑޮޓެލްގެ އިތުރުން ހުޅަނގު އުތުރު މޮންޓެކްރިސްޓީގެ ގަވަރުނަރު ނެލްސީ ކްރޫޒް ވެސް ހިމެނެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ތަނުގައި ޕާފޯމް ކުރަމުން ދިޔަ މެރޭންގް ލަވަކިޔުންތެރިޔާ ރޫބީ ޕެރޭޒްވެސް ވަނީ މަރުވެފައެވެ.
ނަމަވެސް އެ ކްލަބްގެ ފުރާޅުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްކުރާ މީހުން ރޫބީގެ ހަށިގަނޑު ފެނުނުކަން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.



