ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މި ހަރަކާތް މިއަދު ފަށާފައި ވަނީ އދ. މާމިގިލީ ގައެވެ.
މާމިގިލީގައި މިއަދު މި ހަރަކާތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ހަރަކާތުގެ ތެރެއިން، މާމިގިލީގައި މިއަދު 10 އަނބުގަސް އިންދާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އަހަރީ ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ރަށެއްގައި ވެސް އެ ޚިދުމަތުގެ މުވައްޒަފުން މޭވާ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާމިގިލީގައި މިއަދު ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ރައްޔިތުންގެ މަޖިލިސް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަހަކީ ހުސްވި މާރިޗު މަހުގެ 29 ވަނަ ދުވަހެވެ. ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިނެއް ވެސް މާރިޗު މަހުން ފެށިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.



