ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާ ކޮށްފައިވާ ވޭޕް ބޭނުންކޮށްގެން މިދިޔަ ރޯދަ މަހު 27 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. އަދި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މަނާ ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެންނެވެ. އޭގެ ފަހުން ކޮންމެ މަހަކުވެސް ފުލުހުން ގެންދަނީ، ވޭޕް ބޭނުންކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ”ސައުވީސް“ އަށް ވިދާޅުވީ، މިދިޔަ މާރިޗް މަހުގެ 1 އިން 31 ގެ ނިޔަލަށް ވޭޕް ބޭނުންކޮށްގެން ޖުމްލަ 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ވޭޕް ބޭނުން ކޮށްގެން 82،000 ރުފިޔާއިން އަދި އަދި ވޭޕް ގެންގުޅެގެން 41،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ވޭޕް، ސިނގިރޭޓު އަދި ދުންފަތާ ގުޅުން ހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރި ކުރިކަމުގެ 6 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.



