މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ލިބުނު ފައިސާގެ ތެރެއިން ފަލަސްޠީނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން އެ ފައިސާ ހަވާލުކުރީ އިސްރާ އެސޯސިއޭޝަނާއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފިޠުރު ޒަކާތުން ފަލަސްޠީނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ވީޑިއޯ އާންމުކޮށްފައެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އިސްރާ އެސޯސިއޭޝަނާއި ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން އެ އެހީ މިހާރު ވަނީ ފަލަސްޠީނު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައި ކަމަށެވެ.
މިނިސްޓްރީން އާންމުކުރި ވީޑިއޯއިން ފަލަސްތީނުގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ މަންޒަރު ފެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑު މެދުވެރިކޮށް މީގެ ކުރިންވެސް ފަލަސްތީނަށް ގިނަ އެހީތަކެއް ވެދީފައެވެ.
ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި މި އަހަރު ރާއްޖެއިން 13.3 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.
އެގޮތުން ފަގީރުންގެ ދަފުތަރުގައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކުރުމަށްފަހު ބާކީ 500،000 ރުފިޔާ ހަަރަދުކޮށްފައި ވަނީ ފަލަސްތީނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.




