އައްޑޫ ސިޓީގެ ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށި ލަސްވާ ސަބަބު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ސިޓީއެއް ފޮނުއްވައިފިއެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ.
މިކަމާ ގުޅިގެން މަޖިލިސް ރައީސް އަށް އަޒާން ފޮނުއްވި ސިޓީގައިވަނީ އައްޑޫ ސިޓީ، މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.
އެގޮތުން 2023 ވަނަ އަހަރު އެމްއެފްއެމްސީއާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފްތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް މެންބަރު އަޒާން ވިދާޅުވިއެވެ. ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެ ދިޔައިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސްތައް ނެގުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމެއް ކަމަށް ވެސް މެންބަރު އަޒާން ވިދާޅުވިއެވެ.
އެހެންކަމުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީއަށް، އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް އެ މައުލޫމާތު ސާފުކޮށްދެއްވައި، އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މަޖިލިސް ރައީސް ޢަބްދުއްރަހީމްގެ ކިބައިން އަޒާން ވަނީ އެދިވަޑައިގެންފައެވެ.



