މާލެ ސިޓީ ކައުންސިލުން 50 ސްކޮލަޝިޕް ފުރުސަތު ދޭން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަމުންނެވެ.
މިއީ ސްޓްރޯންގް ސިޓީސް ނެޓްވޯކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ޕާކިސްތާނުން ހޯދާފައިވާ 50 ސްކޮލަޝިޕް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ހަތަރު މަހާއި، ހަ މަހާ ދޭތެރޭގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ސްކޮލަޝިޕްތަކުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދޭނީ ސްޓްރޯންގް ސިޓީސް ނެޓްވޯކުގެ ފަރާތުން ކަމަށެވެ.
މި ސްކޮލަޝިޕުތަކަށް ޝަރުތު ހަމަވާ ދަރިވަރުން، މި އަހަރުގެ ތެރޭގައި ޕާކިސްތާނަށް ފޮނުވަން ނިންމާފައި ވާއިރު މޭޔަރު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި މި ސްކޮލަޝިޕުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ސްކޮލަޝިޕު ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގެ އެދިފައިވާ ދާއިރާތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގެ ތަމްރީނުތަކާއި، ތުއްތު ކުދިންނަށް ކިޔަވައިދިނުމާއި، ސެން ޓީޗަރުން، ސޮފްޓްވެއާ އިންޖިނިއަރިން، ސައިބާ ސެކުރިޓީ އެކްސްޕަޓީސް، ކޮމްޕިއުޓާ ސްޕެޝަލިސްޓާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޑޭޓާ ސައިންސް އަދި ބްލޮކްޗެއިން ޑިވަލޮޕިން ފަދަ ދާއިރާތަށް ހިމެނެއެވެ.




