ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ މެލޭޝިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށާއި މިހާރު ކުރިއަށްދަނީ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މާ ލަސްނުވެ މި އަހަރު ތެލަސީމިއާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން މިދަނީ“ މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ތެލެސީމިއާ ހޮސްޕިޓަލް ބިނާކުރަން ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނާއި މީހުންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ.
ތެލެސީމިއާ އަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ދަނީ ކޮންމެ އަހަރަކު ތެލަސީމިއާ ތަހައްމަލް ކުރަމުންދާ 10 ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުޞަތުވެސް ފަހިކޮށްދެމުންނެވެ.



