މުންކަރާތުގެ ބިމެއްގައި ހުރެ އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ލަދުވެތި ކަމެއް ކަމަށް ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މުހުތާޒު މިހެން ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަކަށް އިޝާރަތްކުރައްވައެވެ.
މުހުތާޒުގެ ޕޯސްޓުގައި އިމްރާންގެ ނަން ހާމަނުކުރެއްވި ނަމަވެސް އެ ޕޯސްޓު ކުރައްވާފައި ވަނީ އިމްރާންގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓަކަށް އިޝާރާތްކޮށެވެ.
”ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް.، މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ“ އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅިގެން މުހުތާޒު ކުރެއްވި ޕޯސްޓުގައި ވަނީ އިމްރާންގެ ނަން ހާމަނުކޮށް ހޫނު ރައްދެއް ދެއްވާފައެވެ.
އެގޮތުން މުހުތާޒުގެ ޕޯސްޓުގައި ވިދާޅުވީ ސަތޭކަ ޕަސަންޓް އިސްލާމީ ގައުމަކުން މުންކަރާތުގެ ބިމަކަށް ހިޖުރަކޮށް، ދޮގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރު ވެގެންވާ ލަދުވެތި އަމަަލެއް ކަމަށެވެ.
”100 ޕަސަންޓް އިސްލާމީ ގައުމަކުން މުންކަރާތުގެ ބިމަކަށް ހިޖުރަކޮށް، ދޮގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރު ވެގެންވާ ލަދުވެތި އަމަަލަކަށް ނޫނީ ނުވޭ“ މުހުތާޒުގެ ޕޯސްޓުގައި ވަކި ބޭފުޅެއްގެ ނަން ހާމަކުރެއްވުމެއް ނެތި ވިދާޅުވެފައިވެއެވެ.
ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން މިހާރު ދިރިއުޅުއްވަނީ ތައިލެންޑުގައެވެ.


