ރާއްޖޭގެ ޤައުމީ ވައިގެ ބަނދަރު (މިހާރު ކިޔާ ގޮތުންނަމަ، ވެލާނާ އިންޓަނޭޝަނަލްއަށް) 59 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
މިދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ވެސް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު ވަނީ އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

”އެއާޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދޭ. ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް، އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ޤައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން. އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޙިދުމަތްތަކެއް ކުރާބައެއް“ އެމްޑީ ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން އެމްއޭސީއެލްގެ އެމްޑީ ވިދާޅުވީ އެއާޕޯޓުގެ ހަޔާތުގައި ކުރިއަށްއޮތް އަހަރަކީ ޙިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް ކަމަށާއި، ސްޓޭކްހޯލްޑަރުންނާއި ޕަސިންޖަރުންވެސް އުފާވާފަދަ ޙިދުމަތްތަކެއް ދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ 59 އަހަރު ކުރިން އޭޕްރީލް 12، 1966 ގައި އޭރުގެ ނަމުން ނަމަ ހުޅުލޭ އެއާޕޯޓަށް އެ ޖެއްސީ އެއާ ސިލޯނުގެ އެމްރޯ. އޭސީޖޭއާރު މަރުކާގެ މަތިންދާބޯޓެކެވެ. އެ ހާއްސަ މަތިންދާބޯޓުން ފައިބައިވަޑައިގަތީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެ މަނިކުފާނު ވަޑައިގެން ހުޅުލޭ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމާ އެކު، އެކި ތަރައްޤީއާއެކު މިހާރު ފެންނަންހުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ދިގު ތާރީހު ގުނަން ފެށުނީ އެވެ.




