ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ބޭރު ގައުމުތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އައިޑީ ކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޑީއެންއާރުން އެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ހިމެނޭކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މި މަހު ހަތަރު ރަށެއްގައި ފަށާނެ ކަމަށެވެ އެ ހަތަރު ރަށަކީ .މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައެވެ.
މާލެ ނޫން އެހެން ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ފުރަތަމަ ފަހަރަށް ހެދީ 19 ސެޕްޓެމްބަރު 2024 ގައި ގއ. ވިލިނގިލީގައެވެ.
އޭގެ ކުރިން އައިޑީ ކާޑު ޕްރިންޓް ކުރަމުން ދިޔައީ ހަމައެކަނި މާލޭގައި ޑީއެންއާރުގެ އޮފީހުގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މިގޮތުން މިހާރު މާލޭން ބޭރުން އަތޮޅުތަކުގެ 15 ސަރަހައްދެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދަނީ ދެމުންނެވެ.



