ރާއްޖޭގައި ހަަރަކާތްތެރިވާ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ޚިދުމަތް ޖަމިއްޔާގެ އެހީގައި ދިވެހިންގެ ފަރާތުން ޣައްޒާގެ 140 ފަރާތަކަށް ފައިސާގެ އެހީ ދީފިއެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ މެލޭޝިޔާ ސަރުކާރުގެ ފަރާތުން ބޭސްފަރުވާއަށްޓަކައި ވަގުތީ ގޮތުން އެ ޤައުމުން ޙިމާޔަތް ދީފައިވާ ޣައްޒާގެ ރައްޔިތުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ 6 މަސްދުވަސް ތެރޭގައި އެ ޤައުމަށް ގެނެވުނު ޣައްޒާގެ 140 ފަރާތަކާ ބައްދަލުވުމުގެ ފުރުޞަތު ޚިދުމަތް ޖަމިއްޔާއަށް ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ ޣައްޒާގެ ރައްޔިތުންނާ ބައްދަލު ކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން މެލޭޝިޔާގައި ޚާއްސަ ޙަފްލާއެއް ބާއްވާފައިވާ ކަމަށެވެ.
ކެއުމަކާއެކު ބޭއްވުނު އެ ހަފްލާގެ ތެރެއިން، ދިވެހީންގެ ފަރާތުން އެ ޢާއިލާތަކަށް ދޭ ފައިސާގެ އެހީ ޙަވާލުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އޭގެ ތެރޭގައި 140 ފަރާތެއް ހިމެނޭކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މިގޮތުން 80 ކުޑަކުދިންނާއި، 40 އަންހެނުން އަދި 20 ފިރިހެނުން ހިމެނޭ ކަމަށާއި މިއީ އެކި ވަރުގެ ޒަޚަމްތަކާއެކު މެލޭޝިއާއަށް ގެނެވުނު ޣައްޒާގެ ރައްޔިތުން ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
މިއީ، ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރެއިން އެންމެ އުފާވި ދުވަސްކަމުގައި ޣައްޒާގެ ބައެއް ފަރާތްތަކުން ސިފަކުރި ކަމަށާއި މެލޭޝިއާއަށް ގެނެވުނު ފަހުން މިހާ އުފާވެރި މާޙައުލެއްގައި އެންމެން އެކީ މިގޮތަށް ބައްދަލުވި ދުވަހެއް އަދި މި ނޫނީ ނާންނަކަމަށް ބުނެ، މި ފުރުޞަތު ފަހިކޮށްދިން ކަމުގެ މައްޗަށް، ދިވެހިންނަށް ޝުކުރުއަދާކޮށްފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެއެވެ.
މި ބައްދަލުވުމުގެ ތެރެއިން ޚިދުމަތް ޖަމިއްޔާއިން ދިވެހި ރައްޔިތުންގެ ނަމުގައި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި، ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު އެފަރާތްތަކާއި ޙިއްސާކުރުމަށްފަހު ޣައްޒާގެ ރައްޔިތުންނަކީ ދިވެހިންގެ ހިތްތަކާ ކިހާ ގާތް ބައެއް ކަމާއި ޣައްޒާގެ ޙައްޤުގައި މަސައްކަތް ކުރުން ދިވެހިން ދުވަހަކުވެސް، އިން ޝާ ﷲ، ހުއްޓާ ނުލާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
ޚިދުމަތް ޖަމިއްޔާ މެދުވެރިކޮށް އަނިޔާލިބެމުން އަންނަ މުސްލިމު އުންމަތަށް އެހީވުމަށް:
ޚިދުމަތް – ބީއެމްއެލް އިސްލާމިކް
(އިމަރޖެންސީ ފަންޑް)
ރުފިޔާ – 7770000141499



