ދަޢުލަތުގެ ،މަސް ކުންފުނި، މިފްކޯއިން ޕްރޮޖެކްޓް ޕްރޮކިއުމެންޓް ސްޕެޝަލިސްޓެއް ހޯދަން އިއުލާނުކޮށްފިއެވެ.
މިފްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިފްކޯގެ މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތެނިންގެ ޕްރޮޖެކްޓަށް ޕްރޮޖެކްޓް ޕްރޮކިއުމެންޓް ސްޕެޝަލިސްޓެއް ހޯދަން އިއުލާނު ކުރާ ކަމަށެވެ.
މިފްކޯއިން ބުނީ އެ މަޤާމުގެ މައިގަނޑު މައްސޫލިއްޔަތަކީ އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ ކަންކަން ބެލެހެއްޓުން ކަމަށެވެ.
އެގޮތުން މި މަޤާމަށް ކުރިމަތިލެވޭނީ އައިއެސްޑީބީގެ މެންބަރު ޤައުމުތަކުން ޝަރުތުހަމަވާ ފަރާތްތަށް ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯ އިން ބުނީ މިއީ އައިއެސްޑީބީއާއި ދިވެހި ސަރުކާރާއި ގުޅިގެން ހިންގާ 70.42 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެއް ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ، އޮޕަރޭޝަންސް އަދި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ފުޅާދާއިރާއެއްގައި އަޕްގްރޭޑްކުރުމެވެ.
މިފްކޯއިން ބުނީ މި މަޝްރޫޢުގެ ދަށުން ހއ.އިހަވަންދޫގައި މަސްކިރާ ފެޝިލިޓީއަކާއި ކޯލްޑް ސްޓޯރޭޖު، ޕަވާ ހައުސްއެއް ޤާއިމު ކުރުމާއި، ސ. ހުޅުމީދޫގައި މަސްކިރާ ކެޕޭސިޓީ އިތުރުކޮށް ކޯލްޑް ސްޓޯރޭޖް އިތުރުކުރުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން ޅ. ފެލިވަރު އަދި ގއ. ކޫއްޑޫގައިވެސް އިންފްރާސްޓްރަކްޗާ އިތުރު ކުރާނެ ކަމަށް މިފްކޯ އިން ހާމަކުރެއެވެ.
މިފްކޯ އިން ބުނީ މި މަޝްރޫޢުގެ ފްލެގްޝިޕްއެއް ކޮމްޕޯނެންޓަކީ ކ.ހުޅުމާލޭގައި ދުވާލަކު 35 މެޓްރިކް ޓަނުގެ އެކްސްޕޯޓް ރެޑީ ޕްރޮސެސިން ފެސިލިޓީއެއް ޤާއިމު ކުރުން ކަމަށެވެ.
މީގެ އިތުރުން މިފްކޯއިން ބުނީ މި މަޝްރޫޢުގެ ދަށުން މަސްވެރިންނަށް އެޑްވާންސް ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފް ކުރުމާއި މިފްކޯގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަަށެވެ.




