ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެޗް.ޑީ.ސީގައި ކުރިއަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށާއި އެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެ ފަރާތުން ކަމަަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ލޮޓު 22386 ގައި 2500 އާއި 3000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މިސްކިތް އެޅުމަށް ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާއިރު މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރާނެއެވެ.
އަދި މި މިސްކިތް ޑިޒައިން ކުރެވިފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލްއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.



